ގއ. ގެމަނަފުށީގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން ގެމަނަފުށީގައި ކުރިން ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބަކީ ހުރި މަސައްކަތްތައް ނިންމައި ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ނަރުދަމާގެ ޕަންޕް ސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި މަޝްރޫޢު އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްފައިވަނީ 17,675,432.34 ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.








