ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުއެވެ. މިބިލުގެ މައިގަނޑު މަގުސަދަކީ ދިވެހި ވަތަނީ ހިދުމަތް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
ބިލުގައިވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށް، ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅިދާނެކަމަށެވެ. އުމުރުން 16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ފަރާތުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ ކުއްޖާ އަމިއްލައަށް އެކަމަށް އެދުމުގެ އިތުރުން އެ ކުއްޖާގެ ބެލެނިވެރިންގެ ހުއްދައާއެކުއެގައި ކަމަސް ވަނި ބަޔާންކޮށްފަ އެވެ.
މި ބިލު ގާނޫނަކަށްވުމުން އެކުލަވާލާ ގަވާނިން ކައުންސިލަކީ ދިފާއީ ވަޒީރާއި ދާހިލީ ސިޔާސަތު ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުވެގެން ހުންނަ ވަޒީރާއި މާލީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނާ އޮފް ޕޮލިސް ހިމެނޭހެން އެކުލަވާލާ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނައިބު ރައީސަކީ ދިފާއީ ވަޒީރު ކަމަށް ބިލުގައިވެ އެވެ.
އެ ބިލު ގާނޫނަކަށްވުމުން، ވަތަނީ ހިދުމަތް ހިންގުމާ ބެހޭ ބައެއް ގަވައިދުތައް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން ހަދަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ފަރާތެއް ދިވެހި ވަތަނީ ހިދުމަތުގައި ތަމްރީނުކުރުމަށް ވަނީ ނިންމައިފަ އެވެ.








