އިދިކޮޅު މައި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއަރޕަރސަން، ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މަޤާމުން ވަކިކުރުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ގަޕޯ އެމްޑީޕީގެ ޗެއަރޕަރސަންކަމުން ވަކިކުރުމަށް ޕެޓިޝަނެއް ފަށާފައި މިވަނީ ގަވާއިދާ ޚިލާފަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބުގެ މަޤާމުން އިބްރާހީމް ވަޙީދު (މަދަނަ އިބުރޭ) އަދި ލީގަލް ޑިރެކްޓަރުކަމުން އަޙުމަދު މަޢުރޫފް ވަކިކުރެއްވުމާ ގުޅިގެންނެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ގިނަ މެންބަރުން ދަނީ ގަޕޯއާ ދެކޮޅަށް މީސްމީޑިއާގައި އަޑު އުފުލަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޓިޝަނިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ދަނީ ސޮއިކުރަމުންނެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ތިއްބަވަނީ 120 މެންބަރުންނެވެ.
ގައުމީ މަޖިލީހުން ދަނީ މިއަދު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.








