އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މެއި ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މެންބަރެއްކަމުގައިވުމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ކަމަށް ބަޔާންކުރާ ޝަރުތުތައް ހަމަވުން ހިމެނެ އެވެ.
މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ހުށަހަޅަންޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މި އިންތިހާބުގައި ވޯޓުލެވޭނީ މިއަދާއި ހަމައަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށް ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 12 ވަނަ ދުވަހު އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވާފަ އެވެ.








