މިއީ އެންމެ ގިނައިން މަސައްކަތްތެރިންގެ އަޑުއެހި ސަރުކާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތެއް ކަމަށެވެ.
މިގޮތުން، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށްފައިވާ ކަމަށާއި ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ފަށައިފައިވާއިރު، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން ދަނީ ޢާއިލާތައް ހިނިތުންކުރުވަމުން ކަމަށާއި ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަޤްވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެމުން މިދަނީ ޤާބިލު ދިވެހި ކުންފުނިތަކަށެވެ. މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެއެވެ. ވަކީން ޚާއްޞަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް އަޅުގަނޑުމެން ޙައްލު ހޯދައިދީފީމުއެވެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ޞިނާޢީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިއިން ކޮންމެ ކަމަކުން ރާއްޖޭގައި އިތުރަށް ވަޒީފާ އުފެދެމުންދާއިރު، މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް މިކަންވެސް ގެންދެވެން ފަށާފައިވާ ކަމަށާއި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި ޢަމަލީސިފަ ގެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.








