މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޕީއެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް ލަމްއާން މިއަދުން ފެށިގެން އައްޔަންކޮށްފައިވާ ކަމަށެވެ.
ލަމްއާން އެންމެފަހުން ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގަ އެވެ.
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް ލަމްއާން އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
ލަމްއާނަކީ ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތައް މީގެ ކުރިންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.








