ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ވަކި އަތަކަށް ނުޖެހޭ އިންސާފުވެރި އަދި ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެ މާހައުލެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝިއަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވަނީ، ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ކޮރަޕްޝަން ނައްތާލުމުގައި މިނިވަން ނޫސްވެރިކަން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިއަދަކީ ނޫސްވެރިންގެ އަޚުލާގީ މިންގަނޑުތަކާމެދު ފުންކޮށް ވިސްނަންވީ ދުވަހެއްކަން ފާހަގަކުރައްވައި، ތެދު މައުލޫމާތު ހޯދުމާއި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ފެތުރުމަކީ ނޫސްވެރިކަމުގެ އެންމެ އަސާސީ އެއް އުސޫލުކަމުގައި ވިދާޅުވިއެވެ.
މުޖުތަމައު ހޭލުންތެރިކޮށް، ކަންކަމުގެ ހަގީގަތް ހާމަކުރުމާއެކު ރައްޔިތުންގެ އަޑު ކަމާބެހޭ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމުގައި ވަރުބަލިކަމެއް ނެތި ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތްތައް ބަލައިގަނެ، އެކަމަނާ ވަނީ ހުރިހާ ނޫސްވެރިންނަށް ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.








