މާލޭގެ ރަށްވެއްސަކަށް ވީތާ އަދި އެއް އަހަރު ދުވަސް ހަމަނުވި ނަމަވެސް، މާލޭގައި ދިރިއުޅޭތާ ޖުމްލަ 15 އަހަރު ވެފައިވާ ފަރާތްތަކަށް ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މާލޭގައި ރަށްވެހިވިތާ އެއް އަހަރު ނުވާ ފަރާތްތަކަށް ވެސް އެޕްލައި ކުރެވޭ ގޮތަށް މިހާރު ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއަށް ޝަރުތު ހަމަވާ ނަމަ، އެ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެ ބޭނުމަކީ މާލޭގައި ގިނަ ދުވަހު ދިރިއުޅެ، ނަމަވެސް ރަށްވެހިކަން ބަދަލުކުރިތާ ކުރު މުއްދަތެއް ވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުސަތުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިންސާފުވެރި ފުރުސަތެއް ހޯދައިދިނުމެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަޙްރޫމް ނުކޮށް، އެންމެންނަށް އަމާން ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ފާހަގަކުރެއެވެ.
މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވިޔަސް ގޯއްޗާއި ފުލެޓަށް ލެވޭ ގޮތަށް ހެދިއިރު، ގޯއްޗާއި ފުލެޓަށް އެދި މި މަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.
އެ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ މިމަހުގެ 10 އިން ފެށިގެން މިމަހުގެ ނިޔަލަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގޯތިތައް ދޫކުރާނީ ރަސްމާލެއިންނެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.








