ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެގައުމުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ ކޮލަމްބޯގައި ހުންނަ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.
މިރަސްމިއްޔާތަށް، ރައީސް މުޢިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.
މި ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު، ރައީސްގެ ޝަރަފުގައި އޮތް ލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނަރއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް، ލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރުފްކޮށް އެރުވުނެވެ. އަދި ރައީސްގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ލަންކާގެ ރައީސަށް ތަޢާރުފުކޮށް އެރުވުނެވެ.
މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ ލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.








