ދިވެހި ގައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަގާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާ ހަމައަށް ގެނެސްދީފައިވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށެވެ.
މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށް ވުރެ ގައުމު އިސްކޮށްގެން ސިފައިން ކުރާ ބުރަ މަސައްކަތުންކަމުގައި ސިފަކުރައްވާ، ސިފައިންގެ ކޮންމެ މީހެއްގެ ކުރިއެރުންވެސް މުހިއްމު ކަމުގައި ވިދާޅުވި އެވެ. އެހެންވެ ދިވެހި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ކުރަން ނިންމާފައިވާ ބައެއް ކަންކަން އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ.
އެގޮތުން ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ހައްގަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ހައްގު ފުރިހަމަވާންޖެހޭ ކަމަށާއި، ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ތެރެއިން އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރުކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ހިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ގަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތަށް ބަދަލުކުރާނެ ކަމަށެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފަ އެވެ. އެގޮތުން މަތިވެރި ހިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑަލް، ހަށިހެޔޮކަމުގެ ކުލަ ހާސިލުކުރި ސިފައިންނާއި، 2025 ފިޓަސްޓް ސޯލްޖަރ އަންހެން، އަދި ފިރިހެންގެ އިތުރުން، ފިޓަސްޓް ޔުނިޓަށް މެޑައްޔާއި ފިލާ ހަވާލުކޮށްދެއްވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ސިފައިންގެ ޚިދުމަތުގެ ސާވިސް ކޯގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިން އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައި، އިފްތިތާޙުކޮށްދެއްވާފަ އެވެ. ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، އިލްމީ ގާބިލްކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ.
ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.








