ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ.
ޝަރީފް އެގޮތަށް ވިދާޅުވީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ތަނެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި ކާމް ރޫމް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފެވެ.
ޝަރީފް ވިދާޅުވީ ވީއައިއޭ އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށެވެ.
ކާމް ރޫމް ގާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސް އާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝުކުރު އަދާކުރެއްވިއެވެ.
އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ހިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުމެވެ.








