ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ މި ސަރުކާރުން ބިންގާ އެޅި އެންމެ ފުރަތަމަ ސްކޫލް، މި އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 1,700 ކުދިންގެ ޖާގައިގެ ސްކޫލްގެ ބިންގާ މި ސަރުކާރުން އެޅީ ޑިސެމްބަރު 25، 2023ގައެވެ. އެ ސްކޫލްގެ މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެޑިއުކޭޝަން މިނިސްޓްރީއާއި ރަޝީދު ކާޕެންޓްރީ ކޮމްޕެނީ (އާރްސީސީ) ގުޅިގެން ހިންގާ މަޝްރޫއެކެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ދެވަނަ ފިޔަވަހީގެ 16ވަނަ ހިޔާ ޓަވަރު ކައިރީ އިމާރާތްކުރާ ސްކޫލްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު އެއްކޮށް ނިމޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 54 ކްލާސްރޫމްގެ ސްކޫލް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމިގެންދާނެ. އަޅުގަނޑު އުންމީދުކުރަނީ އެ ސްކޫލް ނިމުމާއެކުގައި ފުދޭވަރަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް،" މިނިސްޓަރު އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.