ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއްކަމަށާއި، އަދި ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،
ކުޅުދުއްފުށި ސިޓީއަކީ އެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ހާއްސަގޮތެއްގައި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ހާއްސަ ސަމާލުކަން ދެއްވާކަން ފާހަގަކުރައްވައި ރާއްޖޭގެ 5 ސަރަޙައްދުގައި 5 ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެކަމަށާއި އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮސްޕިޓަލްގެ ތަރައްގީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ޙައްލު ލިބިގެންދާނެއެވެ. މީގެ އިތުރުން ގިނަ އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ޚިދުމަތްފަދަ ގިނަ އައު ޚިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުޙަލާގައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.