ސުކޫލްތަކަށް ކިޔަވައިދޭން އަންނަ ބިދޭސީ ޓީޗަރުން ސުކޫލަށް ނިކުތުމުގެ ކުރިން ފަސް ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން އަންގައިފިއެވެ.
ރާއްޖޭގެ ސުކޫލްތަކުގެ ވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންވެސް ރާއްޖެ އަންނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް އެމީހަކު ދިރިއުޅޭ ތަނެއްގައި ކަރަންޓީނުވުމާއެކު 5 ދުވަސް ހަމަވުމުން ސާމްޕަލް ނަގާ ނަތީޖާ ނެގެޓިވް ވުމުން ނޫނީ ސުކޫލްތަކަށް ނުނެރުމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުމުން ފެށުމަށް ހަޖަހިފައިވަނީ 10 އޮގަސްޓްގައި ނަމަވެސް އެކަޑަމިކް ސްޓާފުން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު ސުކޫލްތަކަށް ނިކުންނަށްޖެހެއެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިންމާލާ ސުކޫލްތައް ބަންދުވެފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ކަރަންޓީނުވުމާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ޑަބްލިއު.އެޗް.އޯ އިން އެމަޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ދިފާއު ވެކްސިނެއްގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތައް، ނުވަތަ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވް ސާމްޕަލް ނެގި ދުވަހުން ފެށިގެން 60 ދުވަސް ރާއްޖެ އަންނަ ދުވަހާ ހަމައަށް ހަމަނުވާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.