ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަކީ އެމްއެމްޕީއާރުސީ ވަގު ފައިސާގެ ދިފާއީ ވަކީލުކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދި އެކަމުގައި އެންމެ އިސްކޮށް އުޅުއްވިކަމަށް ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރެވުނު ދައުވާތަކާއި ގުޅިގެން އަދީބުގެ ވަކީލެއްގެ ގޮތުގައި އޭރު މަސައްކަތް ކުރެއްވީ މިހާރުގެ ޕީޖީ ހުސައިން ޝަމީމެވެ. އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުން އެކަމުގެ އުޖޫރައިގެ ގޮތުގައި ޝަމީމަށް ވަނީ ބޮޑެތި އަދަދުތަކުން ފައިސާވެސް ލިބިފަ އެވެ.
މިކަމަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވީ ހައި ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ހުކުމުން ޕީޖީ އެމައްސަލައިގައި އިހުމާލު ވެފައިވާ މިންވަރު ދަލީލުކޮށްދޭ ކަމަށެވެ. އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފަހައްޓަން އެދުމުން އެކަން ކުރުމުގެ އަމުރު އިއްޔެ ހައިކޯޓުން ދީފައެއް ނުވެ އެވެ.
އިތުރަށް އަލީ ވިދާޅުވީ ހައި ކޯޓުގެ ހުކުމުން ޕީޖީ ފޮތް ނުކިޔާކަން އެނގޭ ކަމަށެވެ. އަދި ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން މުޅި ދައުލަތް މިއަދު ހަރާބު ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއާއެކު އަލީ ވަހީދު ވަނީ ޝަމީމްގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކުރަން އެދިލައްވައިފަ އެވެ. އަދި ޝަމީމަކީ ވަގު ފައިސާގެ ދިފާއީ ވަކީލު ކަމަށާއި ޕީޖީގެ މަގާމަށް ކުފޫވެސް އުންސުރުވެސް ހަމަނުވާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އިއްޔެވެސް އަލީ ވަހީދު ވަނީ ޕީޖީ ޝަމީމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ހިޔާނާތުގެ ސައްހަ ލިސްޓު ފެށޭނީ ޝަމީމާއި ހަމައިން ކަމަށެވެ.
އަލީ ވަނީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކަކީ ބާތިލް ދައުވާތަކެއްކަމަށް ވިދާޅުވެ އެމަނިކުފާނު މިނިވަންކުރުމަށްވެސް ގޮވާލައިފަ އެވެ.