ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި، ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވައިގެން ނިކުންނަވާ ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ދާކަމުގެ ތުހުމަތު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މައްޗަށް ކޮށްފި އެވެ.
އަލީ ޒާހިރުގެ މައްޗަށް މި ތުހުމަތު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ވައްޑެ އެ ތުހުމަތު ކުރެއްވުމުގެ ކުރިންވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސޯޝަލް މީޑިއާގައި މި ތުހުމަތު އަލީ ޒާހިރަށް ކުރައްވައިފަ އެވެ.
ޗީފް އޮފް ސްޓާފްގެ މަގާމުގައި އަލީ ޒާހިރު ހުންނެވިއިރު އޭނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. މިފަހަރު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދުގެ ކެނޑިޑޭޓުންނާއި ރައީސް ސޯލިހުގެ ކެނޑިޑޭޓުންނެވެ. މި ދެ ފަޅީގައިވެސް ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަވެލައްވާ އަލީ ޒާހިރު އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ ސަރުކާރުގެ ބާރުގަދަ މަގާމެއްގައި ހުންނަވައި އެމްޑީޕީ މެމްބަރުންނަށް ވަކި ގޮތަކަށް ވޯޓު ދެއްވަން އެދުން އެއީ އެމްޑީޕީގެ ރޫހާއި މުޅިން ހިލާފު ކަމެއް ކަމަށެވެ.
ވައްޑެ ވެސް ވިދާޅުވީ އެމްޑީޕީ މިހާތަނަށްވެސް ދެމި އޮތީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ސިޔާސީ ވާދަވެރިކަން އޮންނާތީ ކަމަށެވެ. އެހެންނަމަވެސް އަލީ ޒާހިރަށް ކުރެވޭ ތުހުމަތުތަކާއިއެކު އެކަން ބަދަލުވެދާނެ ކަމަށް ވިދާޅުވި އެވެ.
އަލީ ޒާހިރު އިސްވެ ހުންނަވައި ރައީސް ސޯލިހުގެ މެމްބަރުންނަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވަނީ މޫކައި ސުއިޓްސްގައި ކެމްޕެއިން އޮފީހެއްވެސް ހައްދަވައިގެން ކަމަށް ވެއެވެ.