އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބުވި ގިނަ ކެނޑިޑޭޓުން ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށްކަމަށާއި އެއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދަކީ ސިޔާސީ ހަޔާތް ފެށީއްސުރެއް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާތާ 15 އަހަރަށްވުރެއް ގިނަ ދުވަސް ވެފައިވާއިރު އަދިވެސް މެޖޯރިޓީ ސިޔާސީ ބޭފުޅުން ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ.
ނިމިދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެނޑިޑޭޓުން ވަނީ އެކަމަށް ކެމްޕެއިނެއްވެސް ފަށައިފަ އެވެ. އެހެންކަމުން ރައީސް ނަޝީދު ތާއީދު ކުރެއްވީ އެ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް އެކަންޏެވެ. އިއްޔެގެ އިންތިހާބުގައި 75 އިންސައްތައެއްހާ ގޮނޑި ކާމިޔާބު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަންގެ ބޭފުޅުންނެވެ.
އިންތިހާބަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ މެމްބަރުންނަށް ވަރަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި ޑިމޮކްރަސީގެ ރޫހުގައި ކުރެއްވި މަސައްކަތަކީ ޕާޓީއަށާއި ގައުމަށްވެސް ކޮށްދެއްވި މަތިވެރި ހިދުމަތެއްކަމަށް ނަޝީދު ވިދާޅުވި އެވެ.
"ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެނޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބު ވިކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް"
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެނޑިޑޭޓުންތަކެއް ގައުމީ މަޖިލީހަށް ހޮވުނުކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މަޖިލީހުގައި އެކަމަށް ކުރެއްވި މަސައްކަތްތައްވެސް ވަނީ އެމްޑީޕީ މެމްބަރުންގެ ތާއީދު ނުލިބުމުގެ ސަބަބުން ހުއްޓައިލަން ޖެހިފަ އެވެ. ބަރުލަމާނީ ނިޒާމެއް ގެނަސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ނަޝީދު، ރައީސް ސޯލިހަށް ސިޓީއެއްވެސް ފޮނުއްވި އެވެ. އެސިޓީއަށް ރަސްމީ ސިފައެއްގައި ރައީސް ސޯލިހު ޖަވާބެއް ނުދެއްވަ އެވެ.