ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށެވެ. އަދި ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެކޮމިޝަނަށް ބުރަވެވެވީ ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމާއި، ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ. އަދި ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގޭ އޮންނަ ކަމާއި ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން ތަހުގީގަށް ފާހަގަވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންވެ، ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ރައުދު ގަސްދުގައި ޔުމްނު ފުރާޅުމައްޗަށް ވައްޓާލިކަމަށް ވެސް ނުފެންނަ ކަމަށް ރިޕޯޓްގައި ބުންޏެވެ.
ކޮމިޝަނުން ބުނީ ޔުމްނު އާއި ރައުދު މަސްތުގެ ހާލަތަށް އައީ އެ ދެމީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ އެމީހުން އުފުލަން ޖެހޭނެ ކަމަށެވެ. އަދި ޔުމްނު ވެއްޓުމުގެ ކުރިން ދެމީހުންގެ ހަރަކާތްތަކަށް ބަލާއިރު އަދި އެ ރޭ ހިނގި ކަންކަން ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށް ވެސް ކޮމިޝަނުން ބުނެފައި ވެއެވެ.