އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ޕޯޓަބަލް ހޮސްޕިޓަލް ކަމަށްވާ ދެ "އާރޯގްޔާ މެއިތުރީ ހެލްތު ކިއުބް" ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން މި ދެ ކިއުބް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އެ ޤައުމުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ޕޯޓަބަލް ހޮސްޕިޓަލުތަކުގައި އައިސީޔޫއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީ އަކާއި، އެކްސްރޭ އަދި އެހެނިހެން އިމަރޖެންސީ މެޑިކަލް ފެސިލިޓީތައްވެސް ހުރެއެވެ.
މީގެ ކޮންމެ ޔުނިޓަކަށްވެސް 72 ގަޑިއިރު މެދުނުކެނޑި މަސައްކަތްކުރެވޭނެ ކަމަށާއި، ކޮންމެ ޔުނިޓަކުން 200 މީހުންނަށް ފަރުވާ ދެވޭނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ.
މި ދެ ޔުނިޓު ހަދިޔާކުރައްވާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.