ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުންގެ ޚިދުމަތުން ބުނީ މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޚާއްސަކޮށް ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 16ވަނަ ދުވަހު އެކަނިވެސް 200އަށްވުރެ ގިނަ އުޅަނދު ފުލުހުން ނަގާފައިވެއެވެ.