ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލާގައި އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ދެންމެ ހުކުމްކޮށްފި އެވެ.
މިއީ ދައުލަތުން ބައްސާމާ ދެކޮޅަށް އުފުލި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ މައްސަލައެވެ.
އެއީ ޑޮލަރު މާރުކުރުމުގެ ނަމުގައި ބައްސާމްގެ އަމިއްލަ އެކައުންޓުން އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ޖަމާކޮށްފައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނުދައްކާތީއެވެ. މިކަން ހިނގީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ، ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހުކުމް އިއްވަން ބޭއްވި މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ.
މި މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ހުކުމް ކުރުން އޮންނާނީ އެހެން ދުވަހެއްގައެވެ.
މި މައްސަލައިގެ އިތުރުން ވެސް ބައްސާމާ ދެކޮޅަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.