ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާ އާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕްގެ ފަރާތުން ސްރީލަންކާއަށް 200،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލު ކުރައްވައި އެހީގެ ރަމްޒީ ޗެކް، ސަފީރަށް ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދެވެ. މިއަދު ވަނީ އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު ހަދިޔާ ކުރައްވައިފަ އެވެ. އަދި ބާކީ ފައިސާ ކުރިއަށް އޮތް ދުވަސްތަކުގައި ހަވާލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ސިޔާމް ވިދާޅުވީ މާދަމާއިން ފެށިގެން، ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ކުންފުނިތަކާއި ރިސޯޓުތަކުގައި ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑްރެއިޒްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން މިއަދު އަންނަނީ ޓެލެތޯނެއް ވެސް ބާއްވަމުންނެވެ. މިރޭ މެންދަމު 1 ޖެހުމާއި ހަމައަށް ބާއްވާ މި ޓެލެތޯނަށް މިހާތަނަށް ދެ މިލިއަނެއްހާ ރުފިޔާ ވަނީ ލިބިފައެވެ.
ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.
ލަންކާ އަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމައިފި އެވެ.








