ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ޕާކިން ޒޯނުގެ ބޭރުން ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޖެނުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ ރޭ 00:00 ގެ ކުރިން ނެގުމަށެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގައި އެ ސަރަހައްދު ސާފުކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީ އިން ބުނީ އެ މުއްދަތުގައި އުޅަނދުތައް އެ ސަރަހައްދުން ނަގާފައި ނުވާނަމަ ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން އެތަކެތި ސަރަހައްދުން ނަގާނެ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އުޅަނދަކަށް ނުވަތަ އުޅަނދެއްގެ ވެރިފަރާތައް ލިބިދާނެ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.








