ބ. ކުޑަރިކިލުގައި ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިންް ބުނެފި އެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިންް 'އެކްސް'ގައި ހިއްސާކޮށްފައި ވާ ޕޯސްޓެއްގައި ބުނީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށްޓަކައި ބ. ކުޑަރިކިލުގައި 352 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 618 ކިލޯވޮޓް އަވާގެ ބެޓެރި އެނާރޖީ ސްޓޯރޭޖު ސިސްޓަމެއް ހިމެނޭ ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން އެ ވުޒާރާއިން ބުނީ، މިމަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 165,189 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.
އެހެންކަމުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި، ބޭނުންކުރަން ފެށުމުން ކުޑަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ، އެ ރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑުގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުން ކަމުގަ އެވެ.








