ދިވެހިރާއްޖެއިން ރަޝިޔާއަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުއްރަހީމް އަބްދުއްލަތީފް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހު ރަޝިޔާގެ ރިޔާސީގަނޑުވަރު ގްރޭންޑް ކްރެމްލިން ޕެލަސްގައެވެ.
ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތުގައި، ސަފީރު އަބްދުއްރަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ޕޫޓިންއަށް ހެޔޮއެދުންތައް ރައްދުކުރައްވައި، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ބާއްޖަވެރިކަމަށް އެދިވަޑައިގެންފައެވެ.
އަބްދުއްރަހީމަކީ މިހާރު ތުރުކީވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރެވެ. އޭނާ ރަޝިޔާގެ ނޮން-ރެސިޑެންޓް ސަފީރުކަން ކުރައްވާނީ ތުރުކީވިލާތުގެ އަންކާރާގައި ހުންނަވައިގެންނެވެ.
ދިވެހިރާއްޖެއާއި ރަޝިޔާ (ކުރީގެ ސޯވިއެޓް ޔޫނިއަން) އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 14 ސެޕްޓެމްބަރު 1966 ގައެވެ. އޭގެ ފަހުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަނީ އިތުރަށް ބަދަހިވެ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ކޮންސިއުލަރ ކަންކަމުގައި އެއްބާރުލުން ދިނުން ފަދަ ދާއިރާތަކުން ފުޅާވެފައެވެ.
ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމަށް ލިބުނު އެންމެ ބޮޑު އެއް ލުޔަކީ 25 ޖުލައި 2019 ގައި އަމަލުކުރަން ފެށި ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން، ދިވެހިންނާއި ރަޝިޔާގެ ރައްޔިތުންނަށް 90 ދުވަހަށްވުރެ ކުރު މުއްދަތުގެ ދަތުރުތަކުގައި، ދެ ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް، ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
ކޮންސިއުލަރ ދާއިރާއިން އޮންނަ ގުޅުންވެސް ދަނީ ވަރުގަދަވަމުންނެވެ. އެގޮތުން، ޑިސެމްބަރު 2024 ގައި ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ކޮންސުލް ޖެނެރަލް، އެލެކްސީ އެމް. އިޑަމްކިން، އެމަނިކުފާނުގެ ކޮންސިއުލަރ ކޮމިޝަން ސިޓީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލަށް މާލޭގައި ވަނީ އަރުވާފައެވެ.
ސަފީރު އަބްދުއްރަހީމް ތުރުކީވިލާތުގެ ސަފީރުކަމަށް އައްޔަންކުރެވުނީ ޖުލައި 2024 ގައެވެ. އަދި އޮގަސްޓް 2024 ގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް ފަތްކޮޅު އެރުއްވުމާއެކު، އޭނާ ވެވަޑައިގެންފައިވަނީ ތުރުކީވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ފުރަތަމަ ރެސިޑެންޓް ސަފީރަށެވެ.








