އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް 73 އިމާމުން ފުރިހަމަކޮށްފިއެވެ.
އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނީ މާލެ ސިޓީގެ އިމާމުންނާއި ހަތީބުންނަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.
މާލެ ސިޓީގެ އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ އެ ވޯކްޝޮޕްގައި މުޅިއަކު މާލެ ސިޓީގެ 73 އިމާމުން ބައިވެރިވަޑައިގެންނެވި ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
މިއަހަރު ވަނީ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގިފައި ކަމަށާއި މިއަންނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިސްރަށް ފޮނުވާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގައި ވެސް ސައުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާ އިން ޖުމުލަ 100 އަށް ވުރެ ގިނަ ފުރުސަތުގައި އިމާމުން ވަނީ ބޭރަށް ފޮނުވާފައި ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.








