ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުން ކަމަށާއި، ރޯދައިގެ ސަބަބުން، މާތް ﷲ އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެގެންދާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރޯދައިގެ ޙިކުމަތް" މިމަޢުޟޫއަށެވެ.
ޚުޠުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަަމަށެވެެ. ރޯދައަށް މީހާ ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. މާތް ﷲ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާކަމަށް ޚުޠުބާގައި ބުނެފައި ވެ އެވެ.
" ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ. ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވޭ، އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނޭ" ޚުޠުބާގައި ބުންޏެވެ.
ޚުޡުބާގައި ބުނި ގޮތުގައި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ސިއްރާއި ފާޅުގައި ތިމާ ކުރާ އަމަލުތައް ﷲ ތަޢާލާ ބައްލަވައި ވޮޑުގެންވާކަން ދަނެ، ތިމާގެ ނަފްސު ތަހުޒީބު ކުރުމެވެ. އަދި ރޯދައަކީ ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެ ދެމެދުގައިވާ ސިއްރެއްކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ބަޔާން ކުރި ގޮތުގައި ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންކަމުން ދުރުހެލިވެ ހުންނަނީ މާތްﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައެވެ.