ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ފޯކަސް ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ބެނާތަކުން ވެސް ފެންނަނީ ބަދަލު ހިފުމުގެ ރާގަކަށް ހުރި އިބާރާތްތަކެއް ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ބެނާތަކާއި ޕޯސްޓަރުތައް ކަނޑައެޅިގެން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާ ހިލާފުވެފައިވާ އިރު، އެ ކަން އިލެކްޝަންސް ކޮމިޝަނަށް ނުފެންނަނީތޯ ސުވާލު ކުރައްވައިފަ އެވެ. ހީނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ވާހަކަ ދައްކަވާ މޭރުމުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. ސިޔާސީ ޕާޓީގެ އިސްލީޑަރަކު ވާހަކަފުޅުދައްކަވަން ޖެހޭ މޭރުމަކުން ވާހަކަފުޅު ދައްކަވާހެން ހީފުޅުނުވާކަމަށް ހީނާ ވިދާޅުވިއެވެ. ދުނިޔޭގައި ހައްދުފަހަނަ އަޅާފައިވާ ބޭފުޅުން އެފަދަ މޭރުމުން ވާހަކަ ދައްކަވާ މަންޒަރު ފެނިވަޑައިގަންނަވާ ކަަމަށް ހީނާ ވިދާޅުވިއެވެ.
އެ ބޭފުޅުންގެ ސިޔާސަތުތަކެއް ނެތް ފެންނާކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަން ހުރީ އެ ބޭފުޅުންގެ ވެރިކަން ގެއްލުމުން ނުވަތަ ވެރިކަން ބަދަލުވުމުން، އެ ލިބުނު އެއްޗެއް ގެއްލުނީމަ ވީ ތަދުން އެ ރިހުމުގައި އެންޓި ކެމްޕޭން ކުރަމުންދާތަން
ހީނާ ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުން އެ ބޭފުޅުންނަށް ވަރަށް ސާފު ކަމަށާއި ހުރިހާ ދާއިރާއެއްގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ތިބޭނެ ކަމަށެވެ.
އެމްޑީޕީން މަޖިލީސް އިންތިހާބަށް ގެންގުޅޭ ޝިޔާރު ''މިސްރާބު ހަމަ މަގަށް'' އިޝާރާތް ކުރައްވާ ހީނާ ވިދާޅުވީ އަމިއްލަ ޕާޓީ ތެރޭގެ މިސްރާބު ގޯސްކޮށްދާއިރު ގައުމުގެ މިސްރާބު ރަނގަޅު ކުރެވޭނީ ކިހިނެއްތޯ ކަމަށެވެ.