މ. ދިއްގަރުގެ އިރު އުތުރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި ނަންބަރު J10V01 ޤާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ކަނދުފަތި ޤާއިމްކޮށްފައިވަނީ އެޕްރީލް 30 ވަނަ ދުވަހުއެވެ.
މި ކަނދުފަތި ޤާއިމްކުރެވުމަކީ އެ ސަރަޙައްދުގެ މަސްވެރިންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް ކަމަށާއި، މި ހިސާބުގެ ޒުވާނުންގެ މެދުގައި ސްޕޯޓްސް ފިޝިންގ އަކީ ވަރަށް މަޤްބޫލު މަސްވެރިކަމަކަށް ވެފައި، މިފަދަ ކަނދުފަތިތައް ޤާއިމްކުރުމަކީ އެ ފަރާތްތަކުން ވަރަށް ބޮޑަށް އެދެމުން އައި ކަމެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމާއި، ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދައިދިނުން ކަމަށާއި، މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ އިޤްތިޞާދަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.