އަޅުގަނޑުމެންގެ ސަރުކާރުން އަވަށްޓެރި ބޭރު ޤައުމުތަކާ ވަކިން ޚާއްސަކޮށް އިންޑިއާއާއި އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާ ކަމަށާއި ކުރީގެ އެމްޑީޕީ ސަރުކާރުން ވެފައިވާ އަސްކަރީ އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅުވާލައި، މުތުލަގަށް ދޮގު ހައްދަވައިގެންކަން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި މިހާރު ވެރިކަން ކުރާ ޕީއެންސީއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އަވަށްޓެރި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށާއި ގޮތް ނޭނގޭ އެ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް ޕީއެންސީން އިދިކޮޅުގައި އޮވެ ބުނެފައިވެ އެވެ. އަދި އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވަނީ މިދިޔަ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭވަރުގެ ކަމެއް ނެތް ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ ޔަގީންކޮށް ކަށަވަރުކޮށްދެއްވީ މިދިޔަ ސަރުކާރުން އަވަށްޓެރި ބޭރު ގައުމުތަކާއެކު އަދި ވަކިން ޚާއްސަކޮށް އިންޑިއާއާ އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާކަން ކަމަށެވެ. ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީއިން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްޓަކައި މުތުލަގަށް ހެއްދެވީ ދޮގުކަން މިއަދު އެނގިއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަބަދުވެސް އެމްޑީޕީއިން ސާބިތުވެ ތިބޭނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އިޚުލާސްތެރި ޚާދިމުންގެ ގޮތުގައި ކަމަށެވެ.