މާލޭގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްއިން އެކްސްގައި ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށާއިމިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތްކުރަމުން ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.
މިއަދު 6:30 އިން 11:30 އަށް ނެރެފައިވާ ރީނދޫ ސަމާލުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.