ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެ އުޅަނދު ހަދިޔާކުރަން ނިންމައިފި އެވެ.
ޖަޕާން ސަރުކާރުން ހަދިޔާ ކުރުމަށް ނިންމަވާފައިވާ "ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް"ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މިމަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 400 މިލިއަން ޖަޕާނީސް ޔެން ނުވަތަ 2.8 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ޚަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ފޯރުކޮށްދޭ އެހީތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.
މި މަޝްރޫއުގެ ދަށުން ހަދިޔާކުރާ އުޅަނދުތައް އިތުރުވުމާއި ގުޅިގެން، ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ގާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޖަޕާން ސަރުކާރުން ގެންގުޅޭ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަހްމަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ މަޝްރޫއު ތަކުން ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރެވޭ ކަމަށެވެ.