މާލޭގައި އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން މިއަދު ހުޅުވާލައިފި އެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ވަނީ "އެކްސް" ގައި އެކައުންޓެއް ހުޅުވައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރަން ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ.
ކޮމިޝަނުން ވަނީ 18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ޙިއްސާކުރަން ބޭނުންނަމަ ނުވަތަ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންވާނަމަ ލިންކުމެދުވެރިކޮށް ހިއްސާކުރުމަށް ވަނީ އެދިފަ އެވެ. އޭގެ އިތުރުން ކޮމިޝަންގެ މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ ވެސް، އީ-ފާސްގެ ލޮގިންއާ އެކު ވަދެވޭ އެ ޕޯޓަލް އިން ކުރެވޭނެ ކަމަށް ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
ނަމަވެސް، އެ ކޮމިޝަންގެ މެމްބަރުކަމުން ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވުމުން، އަލުން އެ ކޮމިޝަން އެކުލަވާލީ އިތުރު ދެ މެމްބަރުންނާއެކުގަ އެވެ.
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންގައި މިހާރު ތިއްބެވީ؛
- ކުރީގެ ބަންޑާރަ ނައިބު، ގ. ހަސަންކާރި ޑރ. މުހައްމަދު މުނައްވަރު (ކޮމިޝަންގެ ރައީސް)
- ވ. އަލްމާން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު
- ދަފުތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު
- ތ. ވޭމަންޑޫ، މޫނިމާގެ، ޖަބީން މުހައްމަދު
- ހ. ރަބަރުގެ، އާމިނަތު އީނާސް