ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ މި ދަތުރުފުޅަކީ ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ މަންދޫބުގެ ހައިސިއްޔަތުން މަޖިލީހުގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން އޮންނާނީ މި މަހު 12-13 އަށް އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.
މިފަހަރު ބާއްވާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ ސީޕީއޭގެ ގާނޫނީ ހައިސިއްޔަތު މި އަހަރު ތެރޭގައި ބަދަލުވާތީ އެކަމާގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމުމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސްއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.