އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، މަނީ ލޯންޑާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީމީހާގެ އެކައުންޓުތަކުގައި ފަސް އަހަރުތެރޭގައި މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިން 34އ މާލެ އައީ ފުލުހުން އާންމުކުރި މައުލޫމާތުން 2019 ވަނަ އަހަރު ތެރޭގައެވެ. ފުލުހުންގެޗީފް އިންސެޕްޓާ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ މިއަދު ވިދާޅުވީ ޝަހާދަތުގެ ބީއެމްއެލް ރުފިޔާ ތިން އެކައުންޓާއި، ޑޮލަރު ތިން އެކައުންޓު ހުޅުވާފައިވާ ކަމަށެވެ.
ޝަހާދަތު ހުސައިންގެ އެކައުންޓުތަކުގެ ފައިނޭންޝަލް އެނަލިސިސްއެއް ހެދިއިރު، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް މީނާގެ ބޭންކު އެކައުންޓުތަކަށް އަށް މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން އެނގެން އޮވޭ،
ޝަހާދަތުއަކީ ފޮޅައި ސާފުކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ މީހެއް ކަމަށާއި ނަމަވެސް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭނާގެ މުސާރައަކީ 3،000 ޑޮލަރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފާއިތުވެދިޔަ ތަނުގައި އޭނާގެ އެކައުންޓުގައި އަށް މިލިއަން ދިވެހި ރުފިޔާ ދައުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނެޓްވޯކުގައި އިމިގްރޭޝަން އޮފިސަރުންނާއި ދިވެހިންގެ ބަޔަކު ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި ބިދޭސީ މީހާއަކީ ސައްހަ ނޫން ވޯކް ޕާމިޓް އަމިއްލައަށް ހަދައި ބިދޭސީންނަށް އެ ވިއްކާ މީހެކެވެ. އަދި އެއަށްފަހު ލިބޭ ފައިސާ ބަންގްލަދޭޝްގެ އެކައުންޓަކަށް ފޮނުވާފައިވާ ކަމަށް އަޒްމަތު ވިދާޅުވިއެވެ.
ޝަހާދަތުގެ ލެޕްޓޮޕާއި ފޯނުން އެކްސްޕެޓް ސިސްޓަމުގެ 574 އެކައުންޓެއްގެ ލޮގިން މައުލޫމާތު ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި އަމިއްލަ މީހުންގެ ވިޔަފާރިތަކުގެ 153 އެކައުންޓާއި ޕާސްވޯޑާއި، ޕްރައިވެޓް ކުންފުނިތަކުގެ 283 އެކައުންޓު ހިމެނޭ ކަމަށް އަމްޒަތު ވިދާޅުވި އެވެ. ޝަހާދަތު ދިރިއުޅުނީ 18،000 ރުފިޔާއަށް ދޭ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން ކަމަށާއި އިމިގްރޭޝަންގެ ބަޔަކާއި، ދިވެހީންގެ އާއްމު އެތައް ބަޔަކާއެކު ކުންފުނިތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، މާލެ ތެރެއަށް ދޫކޮށްލައި، އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާކަމަށް ބެލެވޭ ކަމަށް ވެސް އަމްޒަތު ވިދާޅުވި އެވެ.
ފުލުހުން ވަނީ ޝަހާދަތުގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިހާރު ފޮނުވައިފައެވެ.