ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް އިފުތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތް ކުރުމުގެ މިޕްރޮގްރާމަކީ، އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް ގޭގޭގައި ދާންމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ކައިރިއަށް ޒިޔާރަތްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް މަހަކު އެއްފަހަރު ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިަފއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާޢިޝަތު ޝިހާމް ވިދާޅުވީ، ދާންމަތިވެފައިވާ އިސްރަށްވެހިންގެ ގާތަށް ޒިޔާރަތް ކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީވެސް ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެއްގޮތަށް ކުރިއަށްގެންދާ އިޖްތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމްކަމަށެވެ. މިއާއެކު ދާންމަތިވެފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ލިބެންޖެހޭ އިޖްތިމާޢީ އެހީތެރިކަން ދެނެގަނެވި ބޭނުންވާ އެހީތަށް ފޯރުކޮށްދިނުމަށް މަގުފަހުވެގެންދާނެކަމަށެވެ.