އަންހެނުން ޑިޖިޓަލީ ބާރުވެރި ކުރެވިއްޖެ ނަމަ އާއިލާތަކަށާއި، މުޖުތަމައަށް އަދި މުޅި އިގުތިސާދަށް ވެސް ފައިދާކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގަ އެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ރާއްޖޭގެ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދު ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، ވަކި ބާވަތުގެ ވަޒީފާ އަދި ޚާއްޞަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަކަމަށާއި، މި ފަރަގު އެއްކޮށް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހަމިއްޔަތުކަމަކީ ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަން މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރެވުމަކީ މުޅި ޤައުމަށްވެސް ފައިދާ ކުރާނެކަމެއްކަމަށެވެ.
"ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫން. އޭގެ މާނައަކީ ތަޢުލީމު، ޞިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރިކުރުވުން. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް ފައިދާ ކުރާނެ." މިނިސްޓަރ އަލީ އިޙްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުޖުތަމައު އަކީ ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރުވަން މަސައްކަތް ކުރާ މުޖުތަމައު އެއް ކަމަށާއި ނަމަވެސް މިކަމުގައި އަންހެނުންނާއި އަންހެން ކުދިން އެކަހެރިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްނޮލޮޖީއަށް ވާސިލުވުމަށާއި ޑިޖިޓަލް ވަޒީފާތައް އަދި ލީޑަރޝިޕްގައި އެ ފަރާތްތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭގައި ތައުލިމު ހާސިލުކުރުމަށް ވަކި ޖިންސަކަށް ތަފާތުކުރުން ނޯންނަކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ފުރުސަތު އެގޮތަށް ފަހިވެފައި އޮތްކަމުުގައިވި ނަމަވެސް ވަކިވަކި ވަޒީފާތަކާއި ހިންގުމުގެ ދާއިރާގައި އަންހެނުންގެ ނިސްބަތް މަދުކަމަށެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުން ވަނީ ދިވެހިރާއްޖެ 2.0ގެ ނަމުގައި ހާއްސަ މަޝްރޫއެއް ވެސް ފައްޓަވައިފަ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ހިދުމަތްތައް ފަސޭހަކަމާއެއެކު ލިބިގެންދާނެ އެވެ.
ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްްގެ ވެސް މޭ 17 ގަ އެވެ. އަދި މިއަހަރު މިދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން" އެވެ.