ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކާ ގުޅޭ މުހިންމު ޤާނޫނީ އިޞްލާހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި އިޞްލާޙަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 15 ވަނަ އިޞްލާޙެވެ.
މި އިޞްލާޙު ގެނެވުނީ ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވެ، ބައި-އިލެކްޝަން ބާއްވަންޖެހޭ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. މި މައްސަލައަށް ޙައްލު ގެނައުމަށްޓަކައި މި މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި މި ބިލު ފާސްކުރެވުނެވެ.
މި އިޞްލާޙުގެ ދަށުން، ކައުންސިލެއްގެ ރައީސް ނުވަތަ މެންބަރެއްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް މެންބަރުން ތިބިނަމަ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކުރާކަށް ނުޖެހޭނެއެވެ. މިފަދަ އުސޫލެއް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހިނގާނެއެވެ.
މި އިޞްލާޙު ތަޞްދީޤުކުރެއްވުމާ ގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.