ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިތާ މަހެއް ނުވަނީސް 658 ޒުވާނުން ޕްރޮގްރަމުގައި ބައިވެރިވާން ކުރިމަތިލައިފިއެވެ.
ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގޭންގުތަކުގައި އުޅޭ ކުދިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ނެޝަނަލް ސާވިސް ޕްރޮގްރާމް ލޯންޗްކޮށްފައިވާނެ ކަމަށެވެ.
މި މަހުގެ 30 އަށް އެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާއިރުގައި ރައީސް ވިދާޅުވީ މިއަދާއި ހަމައަށް ޖުމްލަ 658 މީހުން ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ 538 ފިރިހެނުންނާއި 120 އަންހެން ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އޭގެ ތެރޭގައި ބެލެނިވެރިޔާގެ ހުއްދައާއެކު 16 އަހަރާއި 18 އަހަރާ ދެމެދުގެ 316 ކުދިން ބައިވެރިވާން ހުށަހަޅައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ މި އަހަރު 1،000 ޒުވާނުން މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނުކުރުން ކަމަށެވެ. ނަމަވެސް ވަސީލަތްތައް ހުރި މިންވަރުން، ފުރަތަމަ ބެޗުގައި އެއްފަހަރާ އެ އަދަދަށް މީހުން ނުނެގިދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ފުރަތަމަ ބެޗުގައި އަޅުގަނޑުމެންނަށް ނެގޭނީ ވަކި ވަރަކަށް. އެހެން ނަމަވެސް އިތުރު ބެޗެއް ކުރިއަށް ގެންދާނެ. އެހެންވީމާ ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން ކަނޑައަޅައިފައި އޮތް ޓާގެޓަށް،" އަމާޒަކީ 4،000 ޒުވާނުން ތަމްރީނުކުރުން ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.