މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލްތަކުގެ ދެ ވަނަ ސެޝަންގެ ކިޔެވުން މިއަދު ބަންދު ކޮށްފި އެވެ.
މެންދުރު ދަންފަޅީގައި ދަރިވަރުން ސްކޫލްގައި ތިއްބައި ކަރަންޓް ކެނޑުމާ އެކު، ދަރިވަރުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ.
މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. އެއާއެކު ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.
ސްޓެލްކޯއިން ބުނީ، ގްރޭޓާ މާލެ ގުރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް މިހާރު ދަނީ ފުރިހަމަ ކުރެވެމުން ކަމަށެވެ. މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި، ހުޅުމާލޭގެ ޖަނަރޭޓަރުސެޓްތައް އެނަރޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެކުންފުނިން ބުނެ އެވެ.