ސަޢުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 48 ވަނަ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ.
މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ ޙައްޖު މިޝަންގެ ރައީސް އަލްއުސްތާޒް އުސާމް މުޙައްމަދެވެ.
ސަޢުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރާއި އެކި ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި ސިމްޕޯޒިއަމްގައި، މީޑިއާތަކަށް ޚާއްސަކޮށްގެން އެވެއާނަސް ސެޝަނެއް އަދި ޙައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަކޮށްގެން ހެލްތު ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
1977 ވަނަ އަހަރުން ފެށިގެން ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މި ސިމްޕޯޒިއަމަކީ ޙައްޖުގެ އަޅުކަމާ ގުޅޭ މުހިންމު މަޝްވަރާތައް ކުރެވޭ ފޯރަމެކެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން މިހާރު ވަނީ ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.
އެގޮތުން އެންމެ ފަހު ގްރޫޕް ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ.