ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ވަގުތު ހަމަވީއިރު، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ވަގުތު ހަމަވީ، މިއަދު 12:00ގައެވެ. މި ވަގުތު ހަމަވީއިރު މަގާމަށް ކުރިމަތި ލައްވާފައިވަނީ:
- މިހާރު ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން
- ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ
- ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވައިލީ، މިދިޔަ އަންގާރަ ދުވަހުއެވެ. ހޯމް މިނިސްޓްރީން ކުރި އިންޓާނަލް އިއުލާނެއްގައި ވަނީ، މި މަގާމަށް ކުރިމަތި ލެވޭނީ ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ކަނޑައެޅުމުގެ ކުރިން، އެ މަގާމަށް ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކުރެއެވެ. އެއަށް ފަހު ކޮމިޝަނަރަކު އައްޔަން ކުރާނީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.