އާ ޓެރިފް ރޭޓުގެ ހަގީގީ ބަދަލު ފެންނާނީ ޑިސްކައުންޓް ނުހިމެނޭ ބިލަކާ އަޅާކިޔުމުން ކަމަށް ސްޓެލްކޯ އިން މައުލޫމާތު ދީފިއެވެ.
އަގުހެޔޮ ކުރެވުނު އާ ޓެރިފް ރޭޓުން މެއި މަހުގެ ބިލް ހެދުމުންވެސް، ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލު ބޮޑުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ފެންނަން މެދުވެރިވެފައިވަނީ އޭޕްރީލް މަހު ޚާއްސަ ޑިސްކައުންޓެއް ލިބިފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އާ ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ހަގީގީ ބަދަލު ސާފުކޮށް ދެނެގަނެވޭނީ، ވޭތުވެދިޔަ ތިން ބިލުގެ ކުރިން އެ ގޭބިސީއަކަށް ބިލުކޮށްފައިވާ ބިލާ އަޅާކިޔުމުންކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ރަމަޟާން މަހުގެ ޑިސްކައުންޓް ހިމެނިފައިވާ ދެ ބިލާއި، ކުރު މުއްދަތަކަށް ބިލުކޮށްފައިވާ ބިލު ހިމެނެއެވެ.
އެންމެ ރަނގަޅު އަޅާކިޔުމެއް ހެދޭނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނުވަތަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ބިލާއި، އާ ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލު އަޅާކިޔުމުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ. މިގޮތަށް އަޅާކިޔުމުން ބިލަށް އައިސްފައިވާ ހަގީގީ ބަދަލު ސާފުކޮށް ފެންނާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.