ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މަހުފޫޒަށް އިންޒާރު ދީފައި ވަނީ ޖާނަލިސްޓް ގާސިމް ކިޔާ އެކައުންޓަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ "ވަޅިއެއް ޖަހަންވީތޯ" އަހައި އިންޒާރު ދީފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަހުފޫޒަށް އިންޒާރުދީފައިވާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މިހާގެ ޕޯސްޓަށް ރައްދު ދެމުން މަހްފޫޒް ވިދާޅުވީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެހެން ކަމުން އެ ފަދަ އެއްވެސް ކަމެއް އެއްގޮތަކަށް ވެސް ނުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މަހުފޫޒަށް ވަނީ ވަޅިން ހަމަލާދީފައެވެ. މަހުފޫޒު މަރާލަން އުޅުނު ކަމަށްބުނެ، ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި މަހުފޫޒަކީ އަދަދު ނޫހުގެ ޗެއާމަނެވެ. އޭގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ ރައީސްކަން ވެސް އޭނާ ކުރައްވައެވެ.