ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭ ގައުމުތަކުން އެ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިވަގުތު ހުންނެވި ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މިއަދު ކުރެއްވި މެސެޖެއްގައި މިކަމާ ގުޅޭ ގޮތުން ހިޔާލަށް އެދިވަޑައިގަންނަވަމުންނެވެ.
"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ފެށުނީއްސުރެ އިސް ލީޑަރެއްގެ ގޮތުގައި އެތައް އަހަރެއްވަންދެން ހޭދަކުރެއްވުމަށްފަހު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ ޖޫން 21، 2023 ގަ އެވެ.
އެމަނިކުފާނު ވަކިވެވަޑައިގަތީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެން ޕާޓީ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ އެކީ އެވެ. އެ ޚިޔާލުތަފާތުވުންތަކާ އެކީ ނަޝީދު އިސްވެ ހުނަންވާ އާ ސިޔާސީ ޕާޓީއެއް "ދަ ޑިމޮކްރެޓްސްގެ" ނަމުގައި އުފެއްދެވި އެވެ. ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އެމްޑީޕީން ވަކިވެ ގުޅުނީ އެ ޕާޓީއާއެވެ.
އެމްޑީޕީ އުފެއްދެވުމުގައި ވެސް އިސްކޮށް އުޅުއްވި ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
ނަޝީދު ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވަން ޚިޔާލުފުޅުގެންގުޅުއްވާކަމަށް ވިދާޅުވިއިރު އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅުއްވުމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އަންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ވެސް ޓިކެޓު ހޯއްދެވުމަށް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
މީގެ އިތުރުން އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމް އާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ އަޑުތަކެއް ފެތުރިފައި ވެ އެވެ.