މިއަދު ފާހަގަކުރެވުނު ޢީދުލް އަޟްޙާގެ ޚުޠުބާގައި މުސްލިމް އުންމަތުގެ ޢިއްޒަތާއި ޤަދަރު ހޯދުމަށްޓަކައި އެއްބައިވަންތަކަމާއެކު ދީނުގެ އަސާސްތަކުގައި ހިފެހެއްޓުމަށް ގޮވާލައްވައިފިއެވެ.
މިއަދުގެ ޚުތުބާގައި ބުނެފައިވަނީއަލްއަންފާލް ސޫރަތުގެ 46 ވަނަ އާޔަތް ތިލާވަތްކުރައްވައި، އެ އާޔަތުގެ މާނައިގައި ބަޔާންވެގެންވާ ﷲއަށާއި ރަސޫލާއަށް ކިޔަމަންވުމާއި، ދެބަސްވެ އަރާރުންނުވުމާއި، ކެތްތެރިވުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދެއްވާފައެވެ. ދެބަސްވެ އަރާރުންވުމުން އުންމަތް ފިނޑިވެ، ބާރު ގެއްލިގެންދާނެކަން ވަނީ ނަސޭހަތްތެރި ވެފައެވެ.
އިބްރާހިމްގެފާނާއި އިސްމާއީލްގެފާނުގެ މަތިވެރި ޤުރުބާނީގެ ވާހަކަ ހަނދާންކޮށްދެއްވައި، އެއީ މާތް ﷲއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ޢަމަލީ ނަމޫނާއެއްކަން ވަނީ ބަޔާންކުރައްވާފައެވެ. މި ނަމޫނާއިން މިއަދުގެ މުސްލިމުން ޢިބުރަތް ހާސިލުކުރަންޖެހޭކަން ފާހަގަކުރި އެވެ.
އިސްލާމީ އުންމަތް ނިކަމެތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާތް ﷲއާއި ރަސޫލާ ﷺގެ އެންގެވުންތަކާ ދުރުހެލިވުމާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން ހިމެނޭކަން ވަނީ ބަޔާންކޮށްފަ އެވެ.
ކީރިތި ރަސޫލާ ﷺގެ ޞަޙާބީންގެ ޒަމާނުގައި، އިސްލާމް ދީނަށް ފައުޖުފައުޖަށް މީހުން ވަނުމުގެ ސަބަބަކީ އެބޭކަލުންގެ މުއްސަނދިކަމެއް ނުވަތަ ޖިސްމާނީ ވަރުގަދަކަމެއް ނޫންކަމަށާއި، އެއީ އެބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން ވެގެންދިޔަ ކަމެއްކަން ވަނީ ބުނެފަ އެވެ.
ހުތުބާގައި ބުނީ މާތް ﷲ އިންސާނުން ހައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ. އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާނެ މީހެއް ކަމަށެވެ. އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.
"އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފަ އެކެވެ."
މި މުޖުތަމައުގައި އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ބަޔަކު ދިރިއުޅެމުންދާއިރު، އެފަދަ މީހުންނަށް އެހީތެރިވާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން ބަލައިލާން ޖެހޭކަން ފާހަގަކުރި އެވެ.