ދިވެހި ފުލުހުންގެ ޚިދުމަތުން ށ. ފުނަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތާކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ށ. ފުނަދޫގައި މަސައްކަތްކުރާ ފުލުހުން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖް / މާލެ، ޢަބްދުﷲ މުޙައްމަދު ޙަބީބް (44އ) ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައިރިން ކަމަށާއި، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.