އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާކުރައްވައިފި ނަމަ މަހަކު 70،000ރ. ގެ އެލަވަންސެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
އެ ކޮމިޝަނުން މަޖިލިހަށް ފޮނުވި ސިޓީގައި ވަނީ ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް އެގޮތުން އެލަވަންސެއްގެ ގޮތުގައި މަހަކު 70،000ރ. ރުފިޔާ ދިނުމުގެ އިތުރަށް ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރުކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ވެސް އެފިފަ އެވެ.
ޖޭއެސްސީގެ ސިޓީގައިވާ ގޮތުން، މިހާރު އޮތް ގާނޫނުގެ ދަށުން އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިވަޑައިގަންނަވާނީ 185،100ރ. އެވެ.
ނަމަވެސް، ޖޭއެސްސީން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މި އަދަދު 493،600ރ. އަށް އިތުރުވާނެއެވެ. އަދި މަހަކު ލިބިވަޑައިގަންނަވާ އިނާޔަތް 47،182.50ރ. އިން 70،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރަށް ލިވިން އެލަވަންސްއާއި ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ހަމަޖެއްސުމަށް ވެސް އެދިފައެވެ. އަދި ރިޓަޔާކުރައްވާއިރު ފަނޑިޔާރުކަން ކުރެއްވި މުުއްދަތުގެ ބަދަލުގައި މުޅި ދައުލަތަށް ހިދުމަތްކުރެއްވި މުއްދަތު ގުނުމަށް ވެސް ހުށަހަޅާފައިވެއެވެ.