ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓަށް ސްކީމަކީ ހީލަތެއް ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓުކޮށް އަދި ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ބުނެފި އެވެ.
ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ.
ފުލުހުންނާއި ސީއެމްޑީއޭ ގުޅިގެން މިރޭ ނެރުނު ބަޔާނެއްްގައި ބުނީ އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ސްކީމް ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށްވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެކެވެ،" ބަޔާނުގައިވެ އެވެ.
މިފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދައާއެކު ނަމަވެސް އެ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދައާ ނުލައި ކަމަށް އެ ފުލުހުން ބުންޏެވެ.
"ޓެކްނޮލޮޖީއާ އެކު ތައާރަފްވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަމެވެ."
އެ މައްސަލައިގައި ފުލުހުން، ބޭރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީއަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ." ބަޔާނުގައިވެއެވެ.