ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގެ ތަހުގީގަށް އަހުމަދު ދާއޫދު ދޮގު ބަޔާނެއް ދިނުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން އޭނާ ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ދޮގު ބަޔާނެއް ދީފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރާތީ ދާއޫދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ ހާދިސާ ހިނގައި، އެ މައްސަލައިގެ ތަހުގީގާ މެދު އާންމުން ސުވާލު އުފައްދަމުން ދަނިކޮށް ރައީސް އޮފީހުގެ މަގާމުން ދާއޫދު ހުރީ މިހާތަނަށް ސަސްޕެންޑުކޮށްފަ އެވެ.
ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށް އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މި މައްސަލަގައި ދާއޫދު ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ދާއޫދު ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވެއެވެ.